މިއަހަރުތެރޭގައި 50 ރަށެއްގައި ކައުންސިލް ޢިދާރާ ޢިމާރާތް ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ޤާނޫނީގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް، ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ، ގިނަ ދުވަސްވެފައިވާ، ބާ އިމާރާތްތަކެއް ކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ކުރިމަތިވެފައިވާ ކަމަށެވެ.

ގިނަ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ ޖާގަނެތް ކަމަށާއި، އަދި ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން، އިންވެސްޓަރ ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށާއި، އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް އުފައްދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ގެ އުންމީދަކީ އަދި މަސައްކަތް ކުރައްވާނީ ކައުންސިލް އޮފީސް އިމާރާތްކުރުމުގެ މަސައްކަތް 50 ރަށުގައި އެއްފަހަރާ ފެށުމަށް ކަމަށެވެ.