ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަކީ ހެޔޮވެރިކަމެއް ކުރުމުގައި އެހެން ބޭފުޅުންނަށް ނަމޫނާއެއް ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހދ ނެއްލައިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެވާހަކަފުޅުގައި ވަޒީރުއާދަމް ޝަރީފް ވިދާޅުވީ ފާއިތުވި ބައިގަރުނުގެ ތެރޭގައިވެސް އޮފީސް ހިންގުމަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް ރަށްރަށްވެސް އެބަހުރި ކަމަށެވެ.
ހަމައެހެންމެ ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ހެޔޮވެރިކަމެއްގައި ފެންނަ ވަރަށް ހާއްސަ ކަމެއް ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ސަރުކާރެއް ކަމަށެވެ.
މި ސަރުކާރު ހިންގުމަށް މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީމިދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައިވެސް މިހާރު އޮތް މަޖިލިހުން، ރައްޔިތުންނަށް ހެވެއް ލާބައެއް ލިބޭނެ ގޮތަށްކަމެެއް ކޮށްފާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.