ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުން ކުރެއްވި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް ހިއްސާކޮށްފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

އެގޮތުން އެރަށު ކައުންސިލުން ވަނީ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަމަށާއި، ސްކޫލު އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާކަމަށާއި، މިހާރު ހުރި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަންފައެވެ. އަދި ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއްވުމަށާއި، ރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ވަސީލަތްތައް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް ގެ ހިދުމަތް ބޭނުންވާކަމުގައިވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ތަފްސީލީ ގޮތެއްގައި ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.