ށ. މިލަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގައި އެއާޕޯޓެއް އަޅުއްވާނެ ކަމުގެ %100 ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިލަންދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދަން ކަމަށެވެ. އެހެންވެ، ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގައި ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ލިސްޓުގެ އެކަކުން ފެށިގެން 10 އަށް ވެސް އޮތީ އެއާޕޯޓު އެޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، މިލަންދޫ ރައްޔިތުން އެދޭ ކަންކަމުގައި ހަގީގީ ކުލަ ޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"އަޅުގަނޑު ވައުދުވަނީ ވައުދު ފުއްދަން ކަން އަބަދުވެސް ދަންނަވަން. އެހެންވީމަ މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް އެއްވަނަ އިން 10 ވަނަ އަށް ވެސް އޮތް އެއާޕޯޓު އިރާދަކުރެއްވިއްޔާ އަޅައި ދޭނެ ކަމުގެ %100 ޔަގީންކަން ދެން. ތަންކޮޅެއް މަޑުމަޑުން ބުންޏަސް ވަރަށް ބާރަށް މި ބުނެވުނީ. އެއީ ހަގީގަތަކަށް ހަދައިދޭނެ ކަމެއް އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު މަޝްރޫއުގެ އިތުރުން ރަށުގައި ކުރަން ޖެހޭ އެހެން ކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.