ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް މެންބަރުންނާ ކުރެއްވި ބައްދަލުވުގައި ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވުމަށް އެރަށު ކައުންސިލުން އެދެފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.

މީގެއިތުރުން ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދެވުމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށް އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.