ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް ހިއްސާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަން ތަރައްގީކުރުމަށް މަގުފަހިކޮށްދެއްވުމަށާއި، އަތޮޅު ހޮސްޕިޓަލްގެ ހިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށާއި، ފުނަދޫގައި ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ހިދުމަތް ދޭން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައިސްޕްލާންޓެއް ގާއިމުކުރައްވައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.