ށ.ޅައިމަގު ބަނދަރު ތިލަވާތީ އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

ކައުންސިލުން އެކަމަށް އެދުނީ އުތުރުގެ އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަނދަރު ތިލަވުން ފާހަގަކުރައްވައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މިގޮތުން، ބަނދަރު މަޝްރޫއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ކުނި މެނޭޖުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްދެއްވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރައްޔިތުން ހުށަހަޅާ ގޮތްތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާ އާއި ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޅައިމަގުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ ބަޖެޓުގެ ދަތިކަމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އ.ތ.މ. ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަކަމެއްކަމަށާއި، މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ. ހަމައެއާއެކު، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.