މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރުގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި މިގޮތަށް ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިދިޔަ ޖަނަވަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައެވެ.

މީގެކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދު (އާންމުކޮށް ގާތްގަނޑަކަށް 1 ދުވަސް) ގެ ވަގުތެއް ހޭދަވެއެވެ. ނަމަވެސް މި މަޝްވަރާތަކަށްފަހު އެއްބަސްވެފައި ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން 2 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. މިގޮތުން، މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެއިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. އެގޮތުން މިއީ އިމަޖެންސީ ޙާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރައްވާފައިވާ މަސައްކަތެކެވެ.

އެއަރ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމާއި އެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހު އެ ހިދުމަތް ތައާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުއިއްޒުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ.

އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާ، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.