އަލްނަސްރާއި އަލްޝަބާބް ބައްދަލުކުރި މެޗުގައި, ކްރިސްޓިއާނޯ ރޮނަލްޑޯ ސަޕޯޓަރުންނާ ދިމާލަށް ބޭއަދަބީ ހަރަކާތްތަކެއް ދެއްކުމުން އޭނާ ދެމެޗަށް ސަސްޕެންޑު ކުރުމަށް ސައުދީ ލީގުން ނިންމައިފިއެވެ.
މިހަފްތާގެ އާދިއްތަ ދުވަހު ކުޅުނު މިމެޗުގައި އަލްޝަބާބުގެ ސަޕޯޓަރުން ވަނީ ރޮނަލްޑޯއަށް ގޮންޖެހުމުގެ ގޮތުން އޭނާގެ ޒަމާންވީ ވާދަވެރިޔާ, ލިއޮނެލް މެސީގެ ނަމުން ދަނޑު ގުގުމާލާފައެވެ. ނަމަވެސް ރޮނަލްޑޯ ވަނީ އެމެޗުގައި ރަނގަޅު ކުޅުމެއް ދައްކައި އަލްނަސްރަށް މެޗު ކާމިޔާބު ކޮށްދިނުމުގައި ބޮޑު ދައުރެއް އަދާ ކޮށްފައެވެ. އަދި މެޗު ނިމުމުން ރޮނަލްޑޯ ވަނީ އަލްޝަބާބުގެ ސަޕޯޓަރުންގެ ކުރިމައްޗަށް އަރާ, މަލާމާތް ކުރުމުގެ ނިޔަތުގައި ބޭއަދަބީ ކޮށް އަތުން ހަރަކާތްތަކެއް ދައްކާފައެވެ.
ރޮނަލްޑޯގެ އަމަލުތަކައް ފާޑުކިޔުންތައް އަމާޒުވުމާއެކު ސައުދީ ޕްރޯ ލީގުގެ ޑިސިޕްލިނަރީ އޮތޯރިޓީއިން ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. ސައުދީ އަރަބިއާގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އެއޮތޯރިޓީއިން ވަނީ ރޮނަލްޑޯ ދެމެޗަށް ސަސްޕެންޑުކޮށް, އޭނާ ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. ސަސްޕެންޝަންގެ ސަބަބުން ރޮނަލްޑޯއަށް, އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަލްހަޒްމްއާ ދެކޮޅަށް އަލްނަސްރު ކުޅޭ މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ރޮނަލްޑޯގެ ބޭއަދަބީ އަމަލަށް އެކި ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ރޮނަލްޑޯ ފަދަ މަޝްހޫރު, ތަޖުރިބާކާރު ކުޅުންތެރިޔެއްގެ ފަރާތުން އެފަދަ އަމަލުތައް ފެނިގެންނުވާނެ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.