ރިޓައަމަންޓުން ނިކުމެ ކުޅުމުގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށް މެންޗެސްޓާ ސިޓީގެ ލެޖެންޑު ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.

އަގުއޭރޯ މިހެން ބުނެފައިމިވަނީ ބައިވަރު ނޫސްތަކުން އޭނާ އާޖެންޓީނާގެ ކްލަބެއް ކަމުގައިވާ އިންޑެޕެންޑޭއާއެކީ ފަރިތަކުރާނެ ކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް އިންޑެޕެންޑޭއާ ގުޅޭނެ ކަމަށް ބުނެވެމުން އަންނަ ވާހަކަތައް އަގުއޭރޯ ވަނީ ދޮގުކޮށްފައެވެ.

"އެހަބަރުތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ހަބަރުތަކެއް ނޫން. އަހަރެންގެ ޑަކުޓަރު އަހަރެންގެ ހާލު ރަނގަޅު ކަމަށް ބުނިކަމުގައިވިއަސް ފުޓުބޯޅަ ކުޅެން ބޭނުން ނަމަ އަދި ބައިވަރު ޓެސްޓުތައް ހަދަން ޖެހޭ" އޭނާ އެނބުރި ކުޅުމުގެ ތެރެއިން ފެނިގެންދާނެ ކަމަށް ދެކެވެމުން އައި ވާހަކަތަކަށް ރައްދު ދެމުން އަގުއޭރޯ ބުންޏެވެ.

ކުރިން އަގުއޭރޯއާއެކީ އެއްޓީމަކަށް ކުޅެފައިވާ, އިންޑެޕެންޑޭގެ ކޯޗު ކަމުގައިވާ ކާލޯސް ތެވޭޒް ވަނީ, އަގުއޭރޯ ކުޅުމުގެ ތެރެއަށް އަންނަން ބޭނުން ނަމަ އުފަލުން އެފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

"ކޮންމެ ކޯޗެއް ވެސް އަގުއޭރޯ އޭނާގެ ޓީމުގައި ބަހައްޓަން ބޭނުންވާނެ. އަހަރެން އުފާކުރާނަން އަގުއޭރޯއަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބިއްޖެނަމަ" އަގުއޭރޯއާ ބެހޭ ގޮތުން ވާހަކަދައްކަމުން ތެވޭޒް ބުންޏެވެ.

އަގުއޭރޯ ފުޓުބޯޅަ ކުޅުމާ ދުރުވީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އޭރު އޭނާ ކުޅެމުން އައީ ސްޕެއިންގެ ގަދަ ބާރެއް ކަމުގައިވާ ބާސެލޯނާގައެވެ. އޭނާ ކުޅުމާ ދުރަށް ދިޔައީ, އޭނާގެ ހިތަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން, ޑަކުޓަރުން އޭނާއަށް ފުޓުބޯޅަ ނުކުޅުމަށް އިރުޝާދު ދިނުމުންނެވެ.