އެމެރިކާއިން ހަނގުރާމަވެރި އޮޕަރޭޝަންތަކުގައި ބައިވެރިވުމަށް ޔޫކްރޭނަށް ސިފައިން ނުފޮނުވާނެ ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވެއްޖެ އެވެ.

'ޔޫކްރޭންގައި ހަނގުރާމަ ކުރުމަށް އެމެރިކާ ސިފައިން ނުފޮނުވާނެކަން ރައީސް ބައިޑަން ވަރަށް ސާފުކޮށް ވިދާޅުވެފައި' އެޑްރިއެން ވިދާޅުވިއެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ ފެބްރުއަރީ 26 ވަނަ ދުވަހު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯގެ ގިނަ ގައުމުތަކުން ޔޫކްރެއިންއާއި ވެފައިވާ ދެގައުމުގެ އެއްބަސްވުންތަކުގެ ދަށުން ޔޫކްރޭނަށް ސިފައިން ފޮނުވުމަށް ބަލަމުންދާ ކަމަށެވެ. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް އެފަދަ ގޮތެއް ނައްތާނުލައްވަ އެވެ. ނަމަވެސް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ނޭޓޯގެ އެފަދަ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. ޖަރުމަނު، ޗެކް، ޕޮލިޝް، އަދި ސްވިޑެންގެ ލީޑަރުންގެ އިތުރުން ހަންގޭރީއިން ވެސް ވަނީ ޔޫކްރެއިނަށް ހަތިޔާރު އެޅި ސިފައިން ފޮނުވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.