ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކޮށްދެއްވުމަށް މަނަދޫ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

ކައުންސިލުން އެކަމަށް އެދުނީ އުތުރުގެ އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަދުންމަޑުލު މި ބައްދަލުކުރެއްވުން އޮތީ ރޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު އޮތް ނަރުދަމާ ނިޒާމު ފެއިލް ވެފައިވާކަމަށާއި، އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ޖެޓީ މަޝްރޫއު ހިނގަމުންދާއިރު އެމަޝްރޫއާއެކު ކުރިއަށްގެންދަން ބޭނުންވާ އިތުރުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ތެރެޕީގެ ހިދުމަތް އަތޮޅު ހޮސްޕިޓަލުން ލިބޭނެގޮތް ހައްދަވާދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށާއި، އައިސް ޕްލާންޓެއް ގާއިމުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ލޯކަލް މާރުކޭޓް ތަރައްގީކުރުމަށް ބޭނުންވާކަމަށްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަނަދޫގެ ފެނާ ނަރުދަމާއަށް ކުރިމަތިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައިގެން ކުރިއަށްގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި އިތުރަށް މަނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.