ކެނދިކުޅުދޫއަކީ ގުދުރަތީ ހާއްސަ ސަރަހައްދުތައް ހުރި އިގްތިސާދީ ގޮތުން ތަރައްގީކުރެވޭނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެސަރަހައްދުތައް ހިމާޔަތްކޮށް ރައްޔިތުންނަށް އެއިން އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެނދިކުޅުދޫ ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އާންމުކޮށް މި އޮންނަ ފަތުރުވެރިކަމަށް ވުރެ ފުޅާކޮށް ރަށްރަށުގައި ހުންނަ ތަފާތު ހާއްސަކަންކަމަށް ބަލައި ފަތުރުވެރިކަން ތަރައްގީކުރުމަށް މި ސަރުކާރުން އަލަށް ފެށި 'ވިޒިޓަރ އިކޮނޮމީ ކައުންސިލް' ގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދައި ކެނދިކުޅޫގައި އޮތް ގުދުރަތީ ވަސީލަތުގެ ބޭނުން ހިފޭގޮތަށް އިކޯޓޫރިޒަމްގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ . އަދި އޭގެ ބޭނުން ރަށުގެ ރައްޔިތުން ހެޔޮގޮތުގައި ހިފުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރައްވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ

ކެނދިކުޅުދޫ އަކީ ރައީސް މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެވެ.

ހަ ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސިޓީއާއި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.