މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މަންޒަރުތައް ފެންނަ ގޮތުން އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައި ވާއިރު އެ ސަރަހައްދުގައި ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އެ ސަރަަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ޓީމުން ވެސް އަންނަނީ ހަރަކާތްތެރިވަމުންކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 6:06 ގައި ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

އަލިފާން ރޯވެ އަނދަމުން ދަނީ އިބްރާހިމް މިސްކިތް ކުރިމަތީ ހުރި ބޭކެރީއެއްގައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުން ކަމަށާއި އަދި މި ހާދިސާގައި ބިދޭސީއެއްގެ ފައި ފިހި، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި ފަރުވާދެމުންދާކަމަށެވެ.