ރާއްޖޭގެ ރައީސުލްޖުމްހޫރިއާއަށް އިންތިހާބު ވެވަޑައިގަންނަވާ ބޭފުޅަކު އުފައްދަވާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތް ހަދަން މަޖިލީހަށް ބިލެއް ފޮނުއްވައިފިއެވެ.

މި ބިލު މަޖިލީހަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.

އެ ބިލުގައި އީވާ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ މިނިސްޓްރީތަކުގެ އަދަދާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކާއި އެ މިނިސްޓްރީގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބޭނުމުގައި ހުށަހަޅާ ބިލެއްކަމަށެވެ.

އީވާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ މިނިސްޓްރީތައް ހިމެނޭ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. ދެން އޮންނާނީ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ކުރިއަށް ގެންދިއުމެވެ.