އެމްއެލްއެސްގައި އިންޓާ މިއާމީ އަދި އޯލޭންޑޯ ސިޓީ ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ފަސޭހަ ކަމާއެކު މިއާމީއިން ކާމިޔާބު ކޮށްފިއެވެ.
މިއާމީގެ ދަނޑު ކަމުގައިވާ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗު މިއާމީއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 4 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި މިއާމީއާ ގުޅުނު ލުއިސް ސުއަރޭޒެވެ. އޭގެ 7 މިނެޓު ފަހުން ސުއަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މިއާމީގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި މިއާމީގެ ރޮބާޓް ޓޭލާ ކާމިޔާބު ކޮށްދިން ލަނޑާއެކު, މިއާމީއިން ފުރަތަމަ ހާފު ނިންމާލީ 3-0 އަކުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް މިއާމީގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް ރަނގަޅު ކުޅުމެކެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެޓީމުގެ ސުޕާސްޓާ ލިއޮނަލް މެސީ ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ 5 މިނެޓު ފަހުން މެސީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ, މިއާމީއަށް ފަސޭހަ މޮޅެއް ކަށަވަރުކޮށްދީފައެވެ.
މިމެޗުން މޮޅުވުމާއެކު އިންޓާ މިއާމީއިން ވަގުތީ ގޮތުން އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ނާކާމިޔާބުވި އޯލޭންޑޯ ސިޓީ އޮތީ ތާވަލުގެ 12 ވަނައިގައެވެ. އެޓީމު 12 ވަނައިގައި އޮތީ ކުޅުނު 2 މެޗުން ލިބުނު އެއް ޕޮއިންޓާއެކުގައެވެ.