ސައުދީ އަރަބިއްޔާ އިސްވެއޮވެ އަރަބި ބައެއް ގައުމުތައް ގުޅިގެން އުފައްދާފައިވާ އަރަބި ކޯލިޝަނުން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ތާއީދު ދިނުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވައިފިއެވެ.
ބައިޑެން މިގޮތަށް ނިންވިކަމް އިއުލާން ކުރެއްވީ، އޭނާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަންއެވެ.
ޕްރެސް ކޮންފަރެންސެއްގައި ޖޭކް ވިދާޅުވީ، ޔަމަނު ހަނގުރާމައަށް ތާއީދުދިނުން ހުއްޓުމަކަށް ގެނައުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި، ޚާރިޖީ ސިޔާސަތުގެ ޕްލޭން އިއުލާން ކުރައްވަން ސްޓޭޓް ޑިޕާޓްމަންޓްގައި ބާއްވާ ބައްދަލުވުމުގައި އެކަމުގެ ތަފްސީލްތައް ރައީސް ބައިޑެން އިއުލާން ކުރައްވާނެ ކަމަށެވެ.
ޖޭކް ސުލިވަން ވިދާޅުވީ، ޔަމަނުގައި ހިނގަމުންދާ ހަނގުރާމައަށް ތާއީދު ދިނުމުގެ ބަދަލުގައި އެމެރިކާގެ އާ ސަރުކާރުން ބޭނުންވަނީ، މިހާރަށްވުރެ އެކްޓިވް ރޯލެއް އެކަމުގައި ކުޅެ، ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، މައްސަލައަށް ސިޔާސީ ހައްލެއް ހޯއްދެވުމަށް ކަމަށެވެ.
އެގޮތުން، ޔަމަނުގެ މައްސަލައަށް އެމެރިކާއިން ޚާއްސަ މަންދޫބަކު ކަނޑައަޅުއްވައި، ސްޓޭޓް ޑިޕާޓްމަންޓުގައި ރައީސް އެކަން އިއުލާން ކުރައްވާނެ ކަމަށްވެސް ޖޭކް ސުލިވަން ވިދާޅުވިއެވެ.
ޔަމަނުގައި ހަނގުރާމަ ހިނގަމުންދަނީ، ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުކުރާ ސަރުކާރާއި، ޔަމަނުގެ ވެރިރަށް ސަންއާގެ އިތުރުން، ޔަމަނުގެ ބިމުގެ ބޮޑުބައެއްގައި ވެރިކަން ކުރާ ހޫތީންނާ ދެމެދުއެވެ.
އަރަބި ކޯލިޝަނުން ހަނގުރާމަ ކުރަމުންދަނީ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރާ އެއްކޮޅަށެވެ. އެކަމުގައި އެމެރިކާއިން ތާއީދު ދެމުން އަންނަނީ ސައުދީ އަރަބިއްޔާއަށެވެ.
ހޫތީންގެ ދުވަސް ދުއްވާލަން 2016 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ހަމަލާތައް ދެމުން އައި ނަމަވެސް، ހޫތީން ބަލިވެފައެއް ނުވެއެވެ.
ދެފަރާތުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ޔަމަނުގެ އެތައްހާސް އާންމުންގެ ފުރާނަ ގެއްލިފައިވާއިރު، ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ރެފިއުޖީންގެ ގޮތުގައި އުޅެންޖެހިފައިވާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ. ހަނގުރާމައިގެ ސަބަބުން ޔަމަނުވަނީ ދުނިޔެ ދެކެފައިވާ އެންމެގޯސް އިންސާނީ ކާރިސާއަށެވެ.
މުޅި ޔަމަނުވަނީ ސުންނާފަތި ވެފައެވެ.