ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުއިއްޒު ސިޔާސީ ކެމްޕޭނަށް، ދައުލަތުގެ ވަސީލަތްތަކާއި ތަކެތި، އަދި މުވައްޒަފުން ބޭނުންކުރާ ކަމަށް ބެލެވޭތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާޠިލްކުރަން އަންގައި، އެލްޖީއޭއިން އެކައުންސިލަށް ސިޓީއެއް ފޮނުވައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، އެލްޖީއޭއިން ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެސިޓީއާ ގުޅިގެން ކައުންސިލުން ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެލްޖީއޭގެ ސިޓީއަށް ކައުންސިލުން ދޭނެ ޖަވާބެ އަދި އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ އޭގެ ފަހުން ކަމުގައިވެސް އެ މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެލްޖީއޭގެ ސިޓީން ދޭހަވަނީ އެއީ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުތައް ނުހަމަ ގޮތުގައި ބޭނުންކުރެއްވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެކަމަށް އެންގި އެންގުމެއްގެ ގޮތުގައި ކަމަށެވެ.