ރާއްޖޭގެ އެންމެ ޒަމާންވީ އެއް ދުވަހު ނޫސް "ހަވީރު" ނޫހަކީ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރުން ކަމަށްވާއިބްރާހިމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމެވެ. އެ ތިން ފަރާތުން ދައުވާކުރީ ހަވީރު ނޫސް އެޖެންސީގެ އާމްދަނީން އެ މީހުނަށް ލިބެންޖެހޭ މިންވަރު ހޯދުމަށާއި އަދި އެ ނޫސް ހިންގުމުގައި އެ ބޭފުޅުންނަށް ބައިވެރި ވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.
އެ މައްސަލައިގައި 2014 ވަނަ އަހަރު ފުރަތަމަ ސިވިލް ކޯޓުން ހުކުމްކުރީ ޒާހިރު ހުސައިނާ އެއްކޮޅަށް ނަމަވެސް، އޯގަސްޓު، 2015 ގައި ހައިކޯޓުންވަނީ ހަވީރު ނޫހަކީ ޒާހިރުގެ އަމިއްލައަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމްރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ހަވީރު ނޫހަކީ ޒާހިރު ހުސައިންގެ މިލްކެއް ކަމަށެވެ. އަދި، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލު ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު އާއިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވީ، ހަވީރު ނޫސް އުފައްދަން 1983 ވަނަ އަހަރުފައުންޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ ފަހުމުނާމާއެއް ކަމަށާއި އެ އެއްބަސްވުމަކީ ހައްގުތައް އުފަންކުރުވައި ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެއެއްބަސްވުމެއް ނޫން ކަމަށެވެ. އެއީ، 2014 ވަނަ އަހަރު ސިވިލް ކޯޓުން ވެސް ފުރަތަމަ އެ މައްސަލަ ނިންމި ގޮތެވެ.
އެހެން ކަމުން، ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވަނީ ހަވީރު ނޫހުގައި ހިއްސާދާރުން ބައިވެރިނުވާ ކަމަށް ނިންމަން ހުށަހަޅައިފައެވެ.
މައްސަލައިގެ ބެންޗުގެ ދެން ތިއްބެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވެސް ވަނީ ފަނޑިޔާރު ޝުޖޫންގެރައުޔަށް ތާއީދުކުރައްވައިފައެވެ. އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހަވީރު ނޫހަކީ ޒާހިރުގެ މިލްކެއް ކަމަށް ހުކުމްކޮށް،އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމައިފައެވެ.