މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޖޫރިމަނާ ކުރަން އަލުން ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތި ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިތަނަކަށް މަގުމަތި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް ހާއްސަ ޕަބްލިކް ޓްރާންސްޕޯޓް އަަދި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކް ކުރަމުންދާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް އެއްގަމު އުޅަނދުތައް ޕާކް ކުރުމުގެ ގަވާއިދުގައިވާ ޕާކިންގ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި ނޫނީ އެއްގަމު އުޅަނދު ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ހާއްސަ ސަމާލުކަމެއް ދީގެން ބަލާ ތަންތަން

  • ގްރީން ޒޯންޕަބްލިކް ޓްރާންސްޕޯޓް ދުއްވާ ތަންތަންމަގުތަކާއި، ގޯޅިތަކުގެ ކަންމަތިތައްސްކޫލް ސަރަހައްދުތައް
  • ހޮސްޕިޓަލުތަކާއި އޮފީސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަން
  • މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖު ފަދަ ތަންތަންނަށް ވަދެ ނުކުމެ ހަދަން ދަތިވާގޮތަށް ހުންނަ ތަންތަން

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) ބުނެފައި ވަނީ އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ. އަދި އުޅަނދުފަހަރު، އެތަނަކުން ނަގައި، ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.