ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އިސްކަންދޭ ކަމެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުވާފަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. ދުވާފަރު ކައުންސިލުގެ އިދާރާގައެވެ.
ރައީސްގެ ވާހަކަފުޅުގައި ދުވާފަރުގައި އަންހެންގެ އަދި ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުގެ ތަކުލީފު އުފުލަމުންދާކަމަށް ރަށު ޑަބްލިއުޑީސީއިން ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އެރަށަށް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއް ދުވާފަރަށް ހަމަޖައްސަވައިދެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ބޭނުންވާކަމަށާއި ހުއްޓިފައިވާ މަޝްރޫޢުތައް ފެށޭނެގޮތްވުން ބޭނުންވާކަމަށާއި ދުވާފަރުގެ ގެތަކުގެ ރެޖިސްޓްރީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ބަނދަރު ބޮޑުކުރުމާއި ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލުހޯދަން އެދުން ހިމެނެއެވެ. މީގެ އިތުރުން ވޮލީ އަދި ހޭންޑްބޯލް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
"ތިޔަބޭފުޅުންނަށް ބޭނުންވާ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލެއް އަޅުގަނޑު ޤާއިމުކޮށްދޭނެ ކަމުގައި ދަންނަވަން. ހޮސްޕިޓަލް ޤާއިމުވަންދެންވެސް، ކައުންސިލުން، ޑަބްލިޔު.ޑީ.ސީ.އިން ޚާއްޞަކޮށް ފާހަގަކުރެއްވި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ނެތް ވާހަކަ. ކުޑަކުދިންގެ ޑޮކްޓަރެއް ނެތް ވާހަކަ. ނޫނީވިއްޔާ ދާއިމީ ގޮތެއްގައި ނެތް ވާހަކަ. މިވަރުގެ އާބާދީއެއްގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮންމެހެންވެސް ޑޮކްޓަރުން ހަމަޖެހެންވާނެ ދާއިރާތަކެއް އެއީ. ކައުންސިލް މީޓިންގގައި، އެވަގުތު ހެލްތު މިނިސްޓަރަށް އަޅުގަނޑު ދަންނަވާފައި ވާނެ، އެންމެ އިސްކަމެއް ދެއްވައިގެން، މި ރަށުގައި ދާއިމީ ގޮތެއްގައި ތިބޭގޮތަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމަށް." ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ކަންކަން ކުރައްވާނީ ކައުންސިލާ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކުރީގެ ސަރުކާރުން ބިލްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް އަލުން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.