ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ފަސޭހަވެ، ލުއި ވާނެ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ބޮޑުވާ މަހެއް ކަމުން އެކަމުގައި ލުއި ގޮތެއް ހޯދައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކަރަންޓު ބިލާއި ފެން ބިލް ބޮޑުވާ ނަމަ، އެކަމުގެ ތަކުލީފް ވަރަށް ބޮޑެވެ. އެކަމަކު، މިފަހަރުގެ ރަމަޟާން މަހު އެގޮތަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"މިފަހަރު އެހެނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓްގައި ކެޕްކޮށްފައި، މާނައަކީ އެއަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލް ބޮޑުނުވާ ގޮތަށް ހެދުމަށް ފެނަކަ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ވެރިންނަށް އަންގަވާފައިވާނެ ކަމަށާއި އެ ތިން ކުންފުނީގެ ވެރިން ވެސް އެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ފެން ބިލް ވެސް އާންމު މަހެއްގައި ހުންނަ ވަރަށް ކިތަންމެ ލޯޑް ބޮޑުވިޔަސް އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް، ކަރަންޓު ބިލް ވެސް. އެއީ ވެސް ރައްޔިތުންނަށް ލުޔެއް ދޭން ވެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްޓެލްކޯ އިން ހައެއްކަ ރަށުގައި ފެނުގެ ހިދުމަތް ދެމުން އަންނަ އިރު، އެ ރަށްތަކުން މިހާތަނަށް 30ރ. ގެ ޗާޖެއް ނަގާ ކަމަށެވެ. އެކަމަކު، އަންނަ މަހުން ފެށިގެން އެ ޗާޖް ވެސް ނުނަގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ލުއިތައް ދިނުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެކެވެ.