ރޭގައި ބާސެލޯނާ އަދި އެތުލެޓިކް ކްލަބް 0-0 އަކުން އެއްވަރުވި މެޗުގައި ޕެޑްރީ އަދި ޑިޔޮންގް އިންޖަރީވެ, ބާސާއަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ކުޅުނު މެޗުގައި ޕެޑްރީ އާއި ޑިޔޮންގް ވަނީ ފުރަތަމަ ހާފުގައި އިންޖަރީގެ ސަބަބުން އިތުރަށް ނުކުޅެވިގެން ދަނޑުން ފައިބައިފައެވެ.

ޑިޔޮންގް އިންޖަރީ ވެފައިވަނީ ބިންމަތީގައި ފައި ޖެހުނު ގޮތަކުން އޭނާގެ ފަޔަށް ދިމާވި އަނިޔާއެއްގެ ސަބަބުންނެވެ. އޭނާގެ ފަޔަށް އަނިޔާވުމާއެކު އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލުވާފައެވެ. ޕެޑްރީ ދަނޑުން ފައިބާފައިވަނީ ފުރަތަމަ ހާފު ނިމެނިކޮށް އޭނާގެ ފައިފަލަމަސްގަނޑަށް ދިމާވި އަނިޔާއަކާ ގުޅިގެންނެވެ.

ޕެޑްރީ އާއި ޑިޔޮންގްއަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ވަރަށް ދުވަސް ނަގާފާނެ ކަމަށް ބާސާގެ ކޯޗު ޒަވީ ހާނަންޑޭޒް ވަނީ ހާމަކޮށްފައެވެ.

"ޕެޑްރީ އާއި ޑިޔޮންގްގެ އިންޖަރީ އަވަހަށް ރަނގަޅު ވާނެ ކަމަށް ލަފާ ކުރަން އުނދަގޫ. އަހަރެމެނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވާނެ އެދެކުޅުންތެރިން ޓީމުގައި ނެތުމުން" ޕެޑްރީ އާއި ޑިޔޮންގްގެ އިންޖަރީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ރޭގެ މެޗުގައި ޕެޑްރީ އާއި ޑިޔޮންގްއަށް ކުރިމަތިވި އިންޖަރީގެ ސަބަބުން މި މަހުގެ 13 ވަނަ ދުވަހުގައި ބާސާއިން ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗު އެދެކުޅުންތެރިންނަށް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.