ވިލިމާލޭ މަގު ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ ސާވޭއާއި އީއައިއޭ މަރުހަލާގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލުކޮށްފިއެވެ.

މިއަދު މެންދުރު ސެނަކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަނާއި ބެހޭ މިނިސްޓްރީގެ ފަރާތުން މަގުހެދުމުގެ މަޝްރޫޢުގެ އީއައިއޭ އަދި ސާވޭގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކޮންސްޓްރަކްޝަނާއި ބެހޭ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބްއެވެ. އާރްޑީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރުއެވެ.

މި މަސައްކަތަށް ކަނޑައަޅާފައިވާ އަގަކީ 1،794،990 ރުފިޔާއެވެ.

މި އެއްބަސްވުމުގެ ދަށުން ޑީޓެއިލް ޑިޒައިން، ސަރވޭ (ޓޮޕޮގްރަފީ، ޖިއޯޓެކްނިކަލް، ހައިޑްރޯ އަދި ޔޫޓިލިޓީ)، އީއައިއޭ، ސްޓޯރމް ވޯޓާ ޑިޒައިންގެ އިތުރުން 5.6 ކިލޯމީޓަރގެ މަގު ހެދުމުގެ މަސައްކަތްތައް 120 ދުވަސް ތެރޭގައި ކުރުމަށް ވަނީ އެއްބަސްވެފައެވެ.