ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައިގައި، ތިން މީހުންގެ އެކައުންޓުގައި 14 މިލިއަން ރުފިޔާ ދައުރުކުރި ކަމަށާއި އޭގެ ތެރެއިން އެކަކުގެ އެކައުންޓަށް 11 މިލިއަން ރުޕިޔާ ޖަމާކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ، އެ މައްސަލައިގައި އޭސީސީއާ ގުޅިގެން ހިންގި ތަހުގީގަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ، 2022 ވަނަ އަހަރު އެ މައްސަލަ ހުށަހެޅުމާ ހިސާބުން ފެށިގެން މައްސަލައިގެ ޓެކްނިކަލް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މިމައްސަލައިގައި ދައުރުވެފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން ސީދާ އަދަދު ދަންނަވަން ވެސް އަދި އުނދަގޫ ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވެއެވެ.

މިދިޔަ ސަރުކާރުގައި ހިނގި މި ބޮޑު ހިޔާނާތުގެ މައްސަލައިގައި ސަރުކާރު މުވައްޒަފުންގެ ބައިވެރިވުންވެސް އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ތިން މީހެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ޔަގީންވެފައި ވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތިން މީހުންގެ އެކައުންޓުގައި 14 މިލިއަން ރުފިޔާ ދައުރު ކޮށްފައި ވާކަމަށާއި އަދި އެތަނުން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ފައިސާތައް ހަރަދު ކޮށްފައިވާ ކަމަށް ޝައްކު ކުރެވެނީ އަމިއްލަ ބޭނުންތަކަށް ކަމަށެވެ. އަދި 216 ޓްރާންސެކްޝަނެއް ހިންގަން އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތު ކުރެއެވެ.