ލިޔެލާ ޖެހުން ދަސްކޮށްދީ އެހެން ޖީލުތަކަށް އެކަން ފޯރުކޮށްދޭން މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ބ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުޅާދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ލިޔެލާ ޖެހުމަކީ މިހާރު ވަރަށް މަދުން ކުރާ ކަމެއް ކަމަށާއި އެއީ ނެތެމުންދާ ސިނާއަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ލިޔެލާ ޖެހުން ދަސްކޮށްދީ އެހެން ޖީލުތަކަށް އެކަން ފޯރުކޮށްދޭން މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށެވެ.

މިއީ ވަރަށް މަދު އަދި ނެތެމުންދާ ސިނާއަތެއްކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ލިޔެލާ ޖެހުން ރާއްޖޭގެ ގައުމިއްޔަތާ ގުޅިފައިވާ، ދިވެހި ވަންތަކަމާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ ކެމްޕެއިން ތެރޭގައި އެކަން ރައްކާތެރިކުރުމަށްޓަކައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދީ، ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރަން ޖެހޭނޭކަމަށް ވިދާޅުވެފައި ވާނެކަމަށާއި އެއީ ގައުމީ މަސައްކަތެއް ކަމަަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތުޅާދޫއަކީ ލިޔެލާ ޖެހުމުގެ މައުރަޒުތައް ކުރިއަށް ގެންގޮސް ރަނގަޅު ފައިދާއެއް ހޯދާ ރަށެއް ކަމަށާއި އެ މަނިކުފާނުގެ ވިސްނުންފުޅަކީ އެކަން އިޔާދަކުރުން ކަމަށެވެ.