ކްރިސްޓިއަން ހޯނާ ރެޑްބުލްގެ ރޭސިންގް ޓީމުގެ ވެރިޔާ ކަމުގެ މަގާމުން އިސްތިއުފާ ނުދީފިނަމަ ރެޑްބުލްގެ ޓީމު ރޫޅިގެންދާނެ ކަމަށް ރެޑްބުލްގެ ހުނަރުވެރި ޑްރައިވަރު މެކްސް ވާސްޓެޕެންގެ ބައްޕަ, ޖޮސް ވާސްޓެޕެން ބުނެފިއެވެ.
ޖޮސް މިހެން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު, އޭނާގެ ދަރި ކާމިޔާބު ކުރި ބަހްރައިން ގްރާންޑް ޕްރީއަށް ފަހު ދިން އިންޓަވިއުއެއްގައެވެ.
"ހޯނާ އޭނާގެ މަގާމުގައި ހުރުމުން ޓީމުގެ ތެރޭގައި ވަރަށް ގިނަ ދެބަސްވުންތަކެއް އަންނަނީ އުފެދެމުން. މިގޮތަށް ކަންތައްތައް ދާނަމަ ޓީމު ރޫޅިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް. ހޯނާ އޭނާގެ މަގާމުން ވަކި ވާން އެބަ ޖެހޭ" ހޯނާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖޮސް ބުންޏެވެ.
ޖޮސްގެ ފާޑުކިޔުމުގެ ބަސްތައް ހޯނާއަށް އަމާޒުވެފައިވާ ސަބަބަކީ ރެޑްބުލްގައި މަސައްކަތް ކުރި އަންހެނަކު, ހޯނާ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށް ހާމަކޮށްފައި ވުމުންނެވެ. ހޯނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގެ ސީރިއަސް ކަމުން ރެޑްބުލްގެ މެނޭޖްމަންޓުން ވަނީ އެމައްސަލަ ތަހުގީގު ކޮށްފައެވެ. ރެޑްބުލްގެ މެނޭޖްމަންޓުގެ ޓީމުން މައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމާފައިވަނީ ހޯނާގެ ކުށެއް އެމައްސަލައިގައި ނެތް ކަމަށެވެ.
ރެޑްބުލްގެ މެނޭޖްމަންޓުން އެމައްސަލަ ތަހުގީގު ކުރުމަށްފަހު ހޯނާއާ އެއްކޮޅަށް އެމައްސަލަ ނިންމުމުން, މެކްލެރެންގެ ރޭސިންގް ޓީމުގެ ވެރިޔާ ޒެކް ބްރައުންގެ އިތުރުން މަސެއިޑީސް ރޭސިންގް ޓީމުގެ ވެރިޔާ ޓޮޓޯ ވޮލްފް ވަނީ އެމައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.