މުސްލިމް ޤައުމުތަކުގައި ބޭނުން ކުރާނެ އަމިއްލަ ފައިސާ އެއް އުފައްދަން ވެއްޖެ ކަމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މުސްލިމް މެޖޯރިޓީ 8 (ޑީ-8) ޤައުމުގެ ބައްދަލުވުމުގައެވެ. އެގޮތުން އީޔޫގެ ޤައުމުތަކުގައި ބޭނުންކުރާ ފަދަ އެއް ފައިސާއެއް މުސްލިމް ޤައުމުތަކުން ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެއީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް މުހިންމުކަމެއް ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

ޑީ-8 ގެ ނަމުން ނަންދެވިފައިވާ މި ގުރޫޕުގައި ހިމެނެނީ ބަންގްލަދޭޝާއި، ތުރުކިޔާ އާއި، މިޞްރާއި، އިންޑޮނޭޝިޔާ އާއި، މެލޭޝިޔާ އާއި، އީރާނާއި، ނައިޖީރިޔާ އާއި، ޕާކިސްތާނެވެ. އޭޝިޔަން ނިއުސް ނެޓްވޯކްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި "އަހަރަމެން އެއް ފައިސާއެއް ތަޢަރަފު ކުރުމަކީ ވަރަށް ބޭނުންތެރި އަދި މުހިންމުކަމެއް ކަމުގައި ދެކެން. ޔޫރަޕިއަން ޔޫނިއަނުން ތަޢާރަފްކޮށްފައިވާ ފަދަ އެއް ފައިސާއެއް އަހަރަމެން ވިޔާފާރިކުރުމަށާއި، ވިޔަފާރީގެ މުޢާމަލާތު ކުރުމުގައި ބޭނުންކުރުން" އެކަމަނާ ވިދާޅުވިއެވެ.

ޑީ-8 ގުރޫޕު އުފެދިފައި ވަނީ 2006 ގައެވެ. މި ގުރޫޕަކީ މުސްލިމް ދުނިޔޭގެ އާބާދީގެ 1.2 ބިލިއަން ނުވަތަ މުސްލިމް އާބާދީގެ 60 އިންސައްތަ ޙިއްޞާކުރާ ޤައުމުތަކުގެ ގުރޫޕެކެވެ. އެއީ ދުނިޔޭގެ 13 އިންސައްތައިގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ގުރޫޕެކެވެ. މި ގުރޫޕު އުފެއްދުމުގެ މަސައްކަތް ފެށުނީ 1996 ގައި ތުރުކިޔާ (ތުރުކީ) ގައި ބޮޑުވަޒީރުކަން ކުރެއްވި ޑރ. އެރްބަކާންގެ ދުވަސްވަރުއެވެ.

މި ފަދަ ފައިސާ އެއް އުފެދިއްޖެ ނަމަ އޭގެ މަންފާ އެ ޤައުމުތަކަށް ކުރާނެ ކަމަށާއި، ވިޔަފާރީގެ މުޢާމަލާތްތައް ވެސް ކުރިއަރައިގެން، ފަސޭހާވެގެން ދާނެ ކަމުގައި ބޮޑުވަޒީރު ޙަސީނާ ވިދާޅުވެފައި ވެއެވެ.