މާލެ މަގުމައްޗަށް ކުނި އަޅަމުން ދިޔަ ބިދޭސީއަކު ހޯދައި ޑިޕޯޓް ކުރުމަށް ނިންމާފައިވާ ކަމަަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދީ ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ކަމަށާއި، ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ.

މާލެގައި މަގުތަކަށް ކުނި އަޅާ މައްސަލަ މިހާރަކަށް އައިސް ބޮޑުވެފައި ވުމުން މާލޭ ސިޓީ ކައުންސިލް އިން މަގުމަތީ ކުނި ބަހައްޓާ މީހުން ދެނެގަނެ، އެ މީހުން ޖޫރިމަނާކުރަންވެސް މިހާރު ފަށައިފިއެވެ. މިގޮތުން މަގުމަތީ ކުނި ބަހައްޓާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މާލެ މަގުތަކުގައި ކުނި ބަހައަޓާ ފަރަތްތަށް ދެނެގަންނަން މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވަން މާލޭގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފައިވެސްވެއެވެ.