ދެން އަންނަ ސީޒަނުގައި ކުޅެވިގެންދާނެ ޗެމްޕިއަންސް ލީގުގެ އާ ނިޒާމު ޔޫއެފާއިން އާއްމުކޮށްފިއެވެ.
ޔޫއެފާއިން އާއްމުކޮށްފައިވާ އާ ފޯމެޓުގައި މައިގަނޑު ހަތަރު ބަދަލެއް ގެނެސްފައިވެއެވެ. އެންމެ ފުރަތަމަ ބަދަލަކަށް, ދެން އަންނަ ސީޒަނުގައި ކުޅޭ ޗެމްޕިއަންސް ލީގުގައި 36 ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ 32 ޓީމަކަށެވެ.
ދެވަނަ ބަދަލަކަށް ޔޫއެފާއިން އިއުލާނުކޮށްފައިވަނީ, ކުރިން މުބާރާތް ކުރިއަށްދިޔަ ގްރޫޕު ސްޓޭޖުތަކުގެ ބަދަލުގައި ދެން އަންނަ ސީޒަނުގައި މުބާރާތް ކުރިއަށް ދާނީ ލީގެއްގެ ނިޒާމުގައިކަމެވެ. މިބަދަލާއެކު ގްރޫޕު ސްޓޭޖުގެ އެންމެ މޮޅު ދެޓީމު ދެވަނަ ބުރަށް ދާ ނިޒާމު މިވަނީ އެއްކޮށް އުވާލާފައެވެ.
ތިންވަނަ ބަދަލެއްގެ ގޮތުގައި ޔޫއެފާއިން ވަނީ މުބާރާތުގައި ކޮންމެ ޓީމަކަށް ވެސް އަށް މެޗު ކުޅެން ޖެހޭނެ ގޮތައް ހަމަޖައްސާފައެވެ. އެއީ އަމިއްލަ ދަނޑުގައި ހަތަރު މެޗުގެ އިތުރުން, ރަށުން ބޭރުގައި ހަތަރު މެޗެވެ. މިއަށް މެޗުގައި ކޮންމެ ޓީމަކު ވެސް ބައްދަލު ކުރާނީ އާ ޓީމުތަކަކާއެވެ. ނިޒާމަށް ގެނައި އާ ބަދަލާއެކު ކުރިން އޮންނަ ގޮތަށް މުބާރާތުގެ ފެށޭ ކޮޅުގައި ދެޓީމުގެ މެދުގައި ދެމެޗު ކުޅުމެއް ނޯންނާނެއެވެ.
ހަތަރު ވަނަ ބަދަލަކަށް ޔޫއެފާއިން އިއުލާނުކޮށްފައިވަނީ މުބާރާތުގެ ދެވަނަ ބުރަށް ޓީމުތަކުން ދަތުރުކުރާނެ ގޮތެވެ. ލީގެއްގެ ގޮތަށް އޮންނަ ނިޒާމުގައި ދެވަނަ ބުރަށް ޔަގީން ކޮށް ދެވޭނީ ކުޅޭ އަށް މެޗަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާ އަށް ޓީމަކަށެވެ. ދެވަނަ ބުރަށް ދާ ސޯޅަ ޓީމުގެ ބާކީ އަށް ޖާގަ ކަށަވަރުކުރުމަށް ޓަކައި ނުވަ ވަނައިން ފަށައިގެން ސައްވީސް ވަނައާ ހަމައަށް ތިބި ޓީމުތަކުގެ މެދުގައި އިތުރު މެޗުތަކެއް ކުޅެވިގެންދާނެއެވެ. ސައްވީސް ވަނައަށް ވުރެ ދަށުގައި ތިބި ހުރިހާ ޓީމަކަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭނެއެވެ.
ޔޫއެފާއިން ޗެމްޕިއަންސް ލީގުގެ ނިޒާމަށް ގެނައި ބަދަލުތަކާ މެދު އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޔޫއެފާއިން ނިޒާމަށް ބަދަލު ގެނައީ ޓީމުތައް ލައްވާ ގިނަ މެޗުތަށް ކުޅުވައިގެން ޔޫއެފާއަށްވާ މާލީ ފައިދާތަކުގެ ބޭނުމުގައި ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.