މިދިޔަ އަހަރު އޮކްޓޫބަރު 7ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މިސްކިތް ހަލާކުވެފައިވާ ކަމަށް ފަލަސްތީނުގެ އިންފޮމޭޝަން ޑިޕާޓްމަންޓްއިން މައުލޫމާތު ދީފިއެވެ.

އެއިދަރާއިން ނެރުނު ބަޔާނުގައި ވާގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ 217 މިސްކިތް މުޅިން ނައްތާލާފައެވެ. އަދި 248 މިސްކިތަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. މީގެ އިތުރުން ޣައްޒާގެ ތިން ޗާޗޗަކަށް ވެސް ވަނީ ބަޑިޖަހައި ސުންނާފަތި ކޮށްފައެވެ.

ހަނގުރާމައިގެ 150 ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގަައި ހުރި 163 ސަރުކާރުގެ އިމާރާތެއް ނައްތާލާފައެވެ. 100 ވަރަކަށް ސްކޫލާއި ޔުނިވާސިޓީ މުޅިން ހަލާކުވެފައިވާއިރު، އިތުރު 305 ސްކޫލުގެ ބައެއް ތަންތަން ވަނީ ހަލާކުވެފައެވެ.

'އޮކްޓޯބަރު 7، 2023 އިން ފެށިގެން މިއަދާ ހަމައަށް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 30,500 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ހަމަ މި މުއްދަތުގައި ފަލަސްތީނުގެ 71,920 އަށުވުރެގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެއެވެ.