އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން، ހުރަވީ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ސެޝަނުގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުލާހުގެ ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފަޔަރ ފައިޓިންގގެ ތަޢާރަފާއި، "ސްޓޮޕް ޑްރޮޕް އެންޑް ރޯލް" ފަރިތަކުރުމާއި، ފަޔަރ އިމަޖަންސީ ކޮންޓެކްޓްތަކާ ބެހޭގޮތުންނާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން، ބަންދުވެފައިހުރި ތަނެއްގައި ދުން ބޯވެއްޖެނަމަ އަމަލުކުރާނެގޮތް ވަނީ ކިޔައިދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.

އިއްޔެ ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އެ ސްކޫލު ގްރޭޑް 2 ގެ 317 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.