ފެޑެރޭޝަން އިންޓަނޭޝަނަލް ޑީ އޮޓޯމޮބީލް (އެފްއައިއޭ) ގެ ރައީސް މުހައްމަދު ބިން ސުލައިމް, މިދިޔަ އަހަރު ސައުދީ އަރަބިއާގައި ބޭއްވި ގަރާންޑް ޕްރީގެ ނަތީޖާއަށް ބަދަލު ގެނައިކަމުގެ މައްސަލަ އެފްއައިއޭއިން ތަހުގީގު ކުރަން ފަށައިފިއެވެ.

ބީބީސީއިން ހާމަކުރި ގޮތުގައި މުހައްމަދާ ދެކޮޅަށް, ރޭހެއްގެ ނަތީޖާ ބަދަލުކުރިކަމަށް ތުހުމަތުކޮށް އެފްއައިއޭއަށް މައްސަލަ ހުށައަޅާފައިވަނީ އެފްއައިއޭގެ އޮފިސަރެކެވެ.

މުހައްމަދާ ދެކޮޅަށް ހުށައެޅި މައްސަލައަކީ އޭނާ މިދިޔަ އަހަރުގެ ސައުދީ ގްރާންޑް ޕްރީގައި އެސްޓޮން މާޓިންގެ ޑްރައިވަރު އެލޮންސޯއަށް, ރޭހުގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ދިން 10 ސިކުންތުގެ އަދަބެއް އަނބުރާ ގެންދިޔަ ކަމުގެ މައްސަލައެވެ. އެލޮންސޯއަށް ދިން އަދަބު އަނބުރާ ގެންގޮސްފައިވަނީ ރޭސް ނިމިފައިވަނިކޮށެވެ. އަދަބު އަނބުރާ ގެންދިޔުމާއެކު އެލޮންސޯއަށް ވަނީ ހަތަރު ވަނައިން ތިން ވަނައަށް އެރިފައެވެ.

މުހައްމަދު ބިން ސުލައިމްގެ ނުފޫޒު ނަތީޖާ ބަދަލުވުމުގައި އޮންނާނެ ކަމަށް މައްސަލަ ހުށައެޅި ފަރާތްތަކުން ތުހުމަތު ކުރާ ސަބަބަކީ, ސައުދީގައި އޮތް ގްރާންޑް ޕްރީގެ އޮފިޝަލެއް ގޮތުގައި ހުރެ, އެލޮންސޯއަށް އެ އަދަބު ހައްގު ނޫންކަމަށް އޭނާ ބުނެފައިވާތީއެވެ.