ޖަރުމަނުގެ ގަދަ ބާރުކަމުގައިވާ ބަޔާން މިއުނިކް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގަ ކަށަވަރުކުރުމަކީ ލާޒިއޯއަށް ނުވާނެ ކަމެއް ނޫން ކަމަށް އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ސާރީ މިހެން ބުނެފައިވަނީ މިރޭ ބަޔާނާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ދެވަނަ ބުރުގެ ދެވަނަ މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ.

"އަހަރެމެނަށް އެނގޭ ބަޔާނަކީ ވަރުގަދަ ޓީމެއްކަން. ނަމަވެސް ފުޓުބޯޅައިގައި އެއްވެސް ކަމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެ. އަހަރެމެން މިމެޗަށް މިނިކުންނަނީ ކުއާޓާއަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދާއެކު" ކުރިއަށް އޮތް ވަރުގަދަ މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން ސާރީ ބުންޏެވެ.

ފަހަކަށްއައިސް ކުޑަކޮށް ފޯމު ކަޓާފައިވާ ބަޔާން މިރޭގެ މެޗަށް ނިކުންނާނީ އެޓީމުގެ މުހިއްމު ދެކުޅުންތެރިން ކަމުގައިވާ ޑަޔޮޓް އުޕަމެކާނޯގެ އިތުރުން ކިންގްސްލީ ކޯމަން ޓީމުގައި ނުހިމަނައެވެ. މުހިއްމު ކުޅުންތެރިންތަކެއް ނުލައި ބަޔާނުން މެޗަށް ނިކުންކަމުގައިވިއަސް މެޗު ފަސޭހަ ކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސާރީ ވަނީ ބުނެފައެވެ.

"ބަޔާނުގެ ޓީމުގައި ވަރަށް ކޮލިޓީ ރަނގަޅު ކުޅުންތެރިން އެބަތިބި. ބަޔާނަކީ ވަރަށް ގޯލާ ރައްޓެހި ޓީމެއް. އަހަރެމެން މެޗަށް ނިކުންނާނީ މިހުރިހާ ކަމަކަށް ވިސްނައިގެން ހުށިޔާރުކަމާއެކު" މެޗަށް ލާޒިއޯއިންވި ތައްޔާރީތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ސާރީ ހާމަކުރިއެވެ.

މިރޭގެ މެޗަށް ލާޒިއޯއިން ނިކުންނާނީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެޓީމަށް ލިބުނު 1-0 ގެ ލީޑާއެކުގައެވެ. ލާޒިއޯ އާއި ބަޔާން ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ ދަންވަރު 1:00 ގައެވެ.