ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބަޔާން އަދި ލާޒިއޯ ބައްދަލު ކުރި މެޗު 3-0 އަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާގެ ޖާގަ ބަޔާނުން ކަށަވަރުކޮށްފިއެވެ.
ރޭގައި ބަޔާނުގެ ދަނޑު ކަމުގައިވާ އެލިއަންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެވަނަ ބުރުގެ ދެވަނަ ލެގެވެ. މިމެޗަށް ލާޒިއޯއިން ނިކުތީ ފުރަތަމަ ލެގުގައި ބަޔާން މައްޗަށް 1-0 އަކުން ކުރި ހޯދައިގެންނެވެ.
މެޗުގައި ބަޔާން ވަނީ ވަރުގަދަ ކުޅުމެއް ދައްކާ ގޯލު ޖެހުމައް އެތައް ފުރުސަތެެއް ފަހިކޮށްފައެވެ. އެގޮތުން ބަޔާނުން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޓޮޕްސްކޯރާ ކަމުގައިވާ ހެރީ ކޭނެވެ.
ދެވަނަ ބުރުގެ ނަތީޖާ ބަޔާނުން ކޮޅަށް އެޓީމުން އަނބުރާލީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލަނޑު ޖަހައިގެންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ. ބަޔާނުގެ ތިންވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރި ކޭންއެވެ.
މިލިބުނު މޮޅާއެކު ބަޔާނުން ދެން ނިކުންނާނީ ބުންޑަސްލީގާގައި މެއިންޒްއާ ދެކޮޅެށެވެ. މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ލާޒިއޯ ދެން ކުޅޭނީ ސިރިއާގައި ޔުޑިނީސްއާ ދެކޮޅެށެވެ.