ޗެމްޕިއަންސް ލީގުގައި ރެއާލް ސޮސައިޑޭޑް އަދި ޕީއެސްޖީ ބައްދަލު ކުރި މެޗުގައި ޕީއެސްޖީއިން 2-1 އަކުން ރެއާލް ސޮސައިޑޭޑް ބަލިކޮށް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ރެއާލް ސޮސައިޑޭޑްގެ ދަނޑު ކަމުގައިވާ އެނެއޯޓާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ޕީއެސްޖީއިން ނިކުތީ, އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ ލެގު 2-0 އަކުން ކާމިޔާބު ކޮށްގެންނެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޕީއެސްޖީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, މެޗުގެ 15 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ ވަނީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ޕީއެސްޖީގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ. ރެއާލް ސޮސައިޑޭޑްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިކެލް މެރީނޯއެވެ.
މެޗުން ލިބުނު ކާމިޔާބީއާއެކު ޕީއެސްޖީއިން ދެން ނިކުންނާނީ އަންނަ އާދީއްތަ ދުވަހު ފްރެންޗް ލީގުގައި ރީމްސްއާ ދެކޮޅަށެވެ. މުބާރާތުން ކެޓި ރެއާލް ސޮސައިޑޭޑް ދެން އެޓީމުގެ ސަމާލުކަން އަނބުރާލާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހު އެޓީމުން ލަލީގާގައި ގްރަނާޑާއާ ދެކޮޅަށް ނިކުންނަ މެޗަށެވެ.