މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ އިތުރުވާތީ މި ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޭރަށްހިންގުމާއި ހޮޑުލުން މާލެގައި އިތުރުވާކަން ފާހަގަކުރެވޭ ކަމަށާއި، އަދި މިއީ ގިނަ ފަރާތްތައް އެއްވެ ކާބޯތަކެތި ތައްޔާރުކޮށް އެއްކޮށް ކައިހަދާ ދުވަސްވަރެއްކަމުން، ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބޭރަށް ހިންގުމުގެ 674 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޖެންސީން ބުނެފައިވެއެވެ.

މީގެއިތުރުން މިދިޔަ މަހުގެ 11 އިން 17 ވަނަ ދުވަހަށް ބަލީގެ 547 ކޭސް ރިޕޯޓުކޮށްފާވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ހަމައެއާއެކު އެ އެޖެންސީން އިތުރަށް ބުނިގޮތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފަށައިގެން މިމަހު ދެވަނަ ދުވަހުގެ ނިޔަލަށް 889 ކޭސްވެސް ރިޕޯޓުކޮށްފައިވެއެެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:

  • ހޮޑުލުން
  • ބޭރަށް
  • އެނބުރުން އެރުން
  • ކަރުހިއްކުން
  • އަދި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ހިމެނެއެވެ.

މީގެއިތުރުން އެ ޖެންސީން ވަނީ ބޭރަށް ހިނގާނަަމަ ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި ފާހަނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރުމަށް ބުނެފައެވެ.

އަދި އަލާމަތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، އަދި މަސައްކަތަކަށް ނުނިކުމެ، ގޭގައި އަރާމުކުރުމަށް އެޗްޕީއޭން އެދެއެވެ.