ބާސެލޯނާއިން އެކްލަބުގެ ހާލަތާ މެދު ކްލަބުގެ ސަޕޯޓަރުން ކުރިމަތީ ތެދުވެރިވާން ޖެހޭ ކަމަށް ބާސާގެ ލެޖެންޑް ޖެރާޑް ޕީކޭ ބުނެފިއެވެ.

ޕީކޭ މިހެން ބުނެފައިވަނީ ބާސާއިން މާލީ ބޮޑު އަނދަވަޅެއް ތެރޭގައި ވާ ދަނޑިވަޅެއްގައެވެ. އެޓީމު އޮތީ އެތައް މިލިއަން ޑޮލަރަށް ދަރާ, އެފައިސާ އަނބުރާ ދެއްކޭނެ ގޮތެއް ނެތިފައެވެ. އޭގެ އިތުރުން ބާސާ ވަނީ, ލަލީގާއިން އެޓީމަށް ކުޅުންތެރިން ގަތުމަށް ކަނޑައަޅާފައިވާ 204 މިލިއަން ޑޮލަރަށްވުރެ, 200 މިލިއަން ޑޮލަރު އިތުރަށް ހަރަދުކޮށްފައެވެ. އެހެންކަމުން ބާސާއިން އޮތީ ކުޅުންތެރިން ސޮއިކޮށް, އެކްލަބުގައި މިވަގުތު ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށް ނުކުޅެދިފައެވެ.

"ސަޕޯޓަރުން ބޭނުންވޭ ކްލަބުގެ ފަރާތުން ހަގީގަތް އެނގެން. މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ނަމަ ސްޕޯޓަރުންނަށް އެކަން އަންގަން ކްލަބުން ޖެހޭ. އެއްވެސް ކަމެއް ފޮރުވަން ނޫޅެ ކްލަބަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކުގެ ހަގީގަތްތައް ހާމަކުރީމަ ކްލަބުގެ ސަޕޯޓަރުންނަށް އެކަން ބަލައިގަންނަން މާ ފަސޭހަ ވާނެ" އިބާއީ ލާނޯސް ނަމަކަށް ކިޔާ ޓްވިޗް ޗެނަލްއެއްގައި ވާހަކަދައްކަމުން ޕީކޭ ބުންޏެވެ.

ބާސާގެ މާލީ ހާލަތު ނާޒުކުވެފައި އޮތް ނަމަވެސް އެކްލަބުން މިސީޒަނުގައި އަންނަނީ ތައުރީފު ހައްގު ނަތީޖާތަކެއް ނެރެމުންނެވެ. އެޓީމުން އޮތީ ލަލީލާގެ ތިން ވަނައިގައެވެ. ބާސާއަށް މިސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަދި ވެސް އެބައޮތެވެ. 13 މާރިޗުވާ ބުދަ ދުވަހު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުއްމީދުގައި ބާސާއިން ނިކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ.