ޔޫކްރޭންގެ އަސްކަރިއްޔާއިން އިއްޔެގެ ވަގުތެއްގައި ރަޝިޔާގެ ހަނގުރާމަވެރި މަނަވަރަކަށް އަނެއްކާވެސް ކާމިޔާބު ހަމަލާއެއް ދީ، އެ މަނަވަރު ކަނޑު ފައްތާލައިފިއެވެ.

ޔޫކްރޭންގެ ޑިފެންސް އިންޓެލިޖެންސް އިން ބުނެފައިވާ ގޮތުގައި ޔޫކްރެއިންގެ ސިފައިންގެ ގްރޫޕް 13 ގެ ސްޕެޝަލް ޔުނިޓުން އޮޕަރޭޓްކުރާ މެރިޓައިމް ޑްރޯންތަކުން ރަޝިޔާގެ 1،300 ޓަނުގެ ޕެޓްރޯލް ޝިޕް ސަރގޭ ކޮޓޯވް އަށް ހަމަލާދީ އަޑިއަށް ފައްތާލައިފައިވަނީ ކްރައިމިއާ އާއި ހުޅަނގު ދެކުނު ރަޝިޔާގެ އައްސޭރިފަށާ ވަކިކުރާ ކެރްޗް ސްޓްރެއިޓް ކައިރީގައެވެ.

ޔޫކްރެއިންގެ އިންޓެލިޖެންސްއިން ނެރެފައިވާ ބަޔާޏުގައިވާ ގޮތުން އެ އަސްކަރިއްޔާއިން ވަނީ އެ މަނަވަރަށް ހަމަލާދީ އެ މަނަވަރުގައި ރޯ ކޮށްލައިފައެވެ. އަދި ފަހުން ޔަގީން ކުރެވިފައި ވާ ގޮތުން އެ މަނަވަރު މިހާރު ވަނީ ކަނޑުއަޑިއައް ގޮސްފައެވެ.

މި މިޝަން ކުރިއަށް ގެންގޮސްފައިވަނީ ޔޫކްރޭންގެ ނޭވީއާ ގުޅިގެން އަދި ޔޫކްރޭންގެ މިނިސްޓްރީ އޮފް ޑިޖިޓަލް ޓްރާންސްފޯމަޝަންގެ އެހީތެރިކަމާއެކު ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މިގޮތުން ޔޫކްރެއިންގެ އަސްކަރީ އިންޓެލިޖެންސްގެ މަންދޫބެއް ކަމަށްވާ ޔޫސޮވް ވިދާޅޫވީ ރަޝިޔާގެ ޕެޓްރޯލް ޝިޕް ސަރގޭ ކޮޓޯވް އަށް ކުރިންވެސް ހަމަލާދީފައިވާ ކަމަށާއި މިފަހަރު އެ މަނަވަރު ވަނީ ފައްތާލެވިފައި ކަމަށެވެ.