ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި ލެއިޕްޒިގް ބައްދަލު ކުރި މެޗު 1-1 އަކުން އެއްވަރުވެ, 2-1 ގެ އެގްރިގޭޓު ނަތީޖާއިން ރެއާލުން މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރެއާލުގެ ދަނޑުކަމުގައިވާ ސެންޓިއާގޯ ބާނިބާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެވަނަ ބުރުގެ ދެވަނަ ލެގެވެ. ރެއާލުން މިރޭގެ މެޗަށް ނިކުތީ ދެވަނަ ބުރުގެ ފުރަތަމަ ލެގު 1-0 އަކުން ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެނަގޮސްފައިވަނީ ވަރަށް ވާދަވެރ ކުޅުމެކެވެ. ދެޓީމުން ވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭތޯ އެތައް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ރެއާލުންނެވެ. މިއީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ރެއާލުގެ ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ނަމަވެސް ރެއާލަށް މެޗުގައި ލީޑު ހިފެހެއްޓުނީ އެންމެ ތިން މިނެޓަށެވެ. މެޗުގެ 68 ވަނަ މިނެޓުގައި ލެއިޕްޒިގްގެ ޑިފެންޑަރު ވިލް އޯބަން ކާމިޔާބު ކުރި ލަނޑާއެކު ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. ނަމަވެސް މެޗު ނިމިގެންދިޔައިރު ވެސް ލެއިޕްޒިގްއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމުން އެޓީމަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
މިލިބުނު ކާމިޔާބީއާއެކު ދެން ރެއާލުން ނިކުންނާނީ 10 މާރިޗުވާ އާދީއްތަ ދުވަހު, ލަލީގާގައި ސެލްޓާވީގޯއާ ދެކޮޅަށެވެ. މެޗުން ބަލިވި ލެއިޕްޒިގް އެޓީމުގެ ސަމާލުކަން ދެން އަނބުރާލާނީ 9 މާރިޗުވާ ހޮނިހިރު ދުވަހު, ބުންޑަސްލީގާގައި ޑާމްސްޓާޓްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.