ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އަދި ކޮޕެންހޭގަން ބައްދަލު ކުރި މެޗު 3-1 އަކުން ކާމިޔާބުކޮށް, 6-2 ގެ އެގްރިގޭޓާ ނަތީޖާއަކުން ސިޓީ މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ސިޓީގެ ދަނޑު ކަމުގައިވާ އިއްތިހާދު ސްޓޭޑިއަމްއަށް ސިޓީއިން ނިކުތީ, ދެވަނަ ބުރުގެ ފުރަތަމަ ލެގު 3-1 އަކުން ކާމިޔާބުކޮށްގެން ކުރީގައި އޮވެގެންނެވެ.
ރޭގެ މެޗު ސިޓީއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން ސިޓީއިން ވަނީ މެޗުގެ 5 ވަނަ މިނެޓުގައި ލަނޑު ޖަހާ, މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މެނުއަލް އަކަންޖީއެވެ. ސިޓީއިން ވަނީ މެޗުގެ 9 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޫލިއަން އަލްވަރޭޒެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ކޮޕެންގޭންއިން ވަނީ ލަނޑެއް ޖަހައި ސުން ކަނޑާލާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދް އެލްޔޫނުސީއެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާލިންގް ހާލަންޑަ ކާމިޔާބު ކުރި ލަނޑާއެކު ސިޓީއިން ވަނީ ދެގޯލުގެ ލީޑު އަނެއްކާ ވެސް ނަގާފައެވެ. ހާލަންޑްގެ މިލަނޑާއެކު ސިޓީއިން ވަނީ ފަސޭހަކަމާއެކު ކޮޕެންހޭގަން ހިފަހައްޓާލާ މެޗު ކާމިޔާބު ކޮށްފައެވެ.
މިމެޗުން މޮޅުވުމަށްފަހު ދެން ސިޓީއިން ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލު ބަލިކޮށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ. މެޗުން ބަލިވި ކޮޕެންހޭގަން ދެން ކުޅޭނީ ޑޭނިޝް ސުޕާލިގާގައި ލިންގްބީއާ ދެކޮޅަށެވެ.