ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 20 އަށް އަރާފައިވާ ކަމަށް އަލް މަޔާދީން ޓީވީން ބުނެފި އެވެ.

އެންމެ ފަހުން ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައި ވަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަލް މަޔާދީން ޓީވީ ޗެނަލުންް ވިދާޅުވީ، ހަނގުރާމައިގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން %85 އެއްހާ މީހުންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށާއި، ކާނާއާއި ސާފު ފެނާއި ބޭހުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

ޣައްޒާގެ %60 ވަރަކަށް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނުވަތަ ބިމާ ހަމަވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 30،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.