ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގެ ފޭސް 2 ގައި އިއްޔެ ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން އިމާރާތް ކުރެވުނު މި ވަގުތީ މިސްކިތުގެ ނަމަކީ މަސްޖިދުލް ޝާކިރީން ކަމަށެވެ. އަދި މި މިސްކިތް ގާއިމުކުރެވިފައި މި ވަނީ ފޭސް 2 ގެ ހިޔާ ޕާރކް ސަރަހައްދުގައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެއިތުރުން މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވިފައިވާ މިސްކިތެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި މިސްކިތަކީ މުޅި ޖުމަލަކޮށް އެއްފަހަރާ 100 މީހުންނަށް ނަމާދު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެން ބޭފުޅުންނަށްވެސް ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނިގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.