ލަލީގާގައި ބާސެލޯނާ އަދި މަލޯކާ ބައްދަލުކުރި މެޗު 1-0 އަކުން ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ބާސާއިން ޖެހިލައިފިއެވެ.

ލުއީސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ބާސާއިން ނިކުތީ އެޓީމުގެ އެންމެ މުހިއްމު ތިން ކުޅުންތެރިން ކަމުގައިވާ ގަވީ, ޕެޑްރީ އަދި ޑިޔޮންގް ސްކޮޑުގައި ނުހިމަނައެވެ. ތިން ކުޅުންތެރިން ވެސް ތިބީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައެވެ. ބާސާގައި މެދަށް ކުޅޭ ތިން ކުޅުންތެރިން އިންޖަރީ ވެފައިވާތީ އެޓީމުން ރޭގެ މެޗަށް ނިކުތީ ޑިފެންޑަރު ކްރިސްޓެންސެންގެ އިތުރުން ފޯވާޑް ރަފީނިއާ މިޑްފީލްޑަށް ލައިގެންނެވެ.

ރޭގެ މެޗުގައި, ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިންނާ ނުލައި ނިކުތް ބާސާގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެޓީމުން ވަނީ މެޗު ފެށިގެން ލަނޑެއް ޖަހަން އެތައް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން ބާސާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެކެވެ. ނަމަވެސް އިލްކާއީ ގުންޑޮގަން ފޮނުވާލި ޕެނަލްޓީ މަލޯކާގެ ކޯޕަރި ރަޖްލޮވިޗް ވަނީ މަތަކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބާސާއިން ޖަހާފައިވަނީ ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައެވެ. މިއީ ރޮބާޓް ލެވަންޑޮސްކީ ފަހިކޮށްދިން ފުރުސަތަކުން ލަމީން ޔަމާލް ކާމިޔާބުކުރި ލަނޑެކެވެ. މަލޯކާއަށް ބާސާގެ ލަނޑައް ރައްދެއް ނުދެވުމާއެކު ބާސާ ވަނީ އެއް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ.

މެޗުން މޮޅުވުމާއެކު ބާސާ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެޓީމު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ނަމަވެސް އެޓީމުން ކުޅެފައިވަނީ ބާސާއަށް ވުރެ އެއް މެޗު މަދުން ކަމުން, ބާސާ ފަހާލައި ދެވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. އެއްވަނައިގައި އޮތީ ބާސާގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ރެއާލް މެޑްރިޑެވެ. ރެއާލުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި މަލޯކާ އޮތީ, ކުޅުނު 28 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.