ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް, މިދިޔަ އަހަރުގެ ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ކޮޕެންހޭގަން އަތުން 3-1 އަކުން ސިޓީ މޮޅުވި މެޗަށްފަހު ދިން އިންޓަވިއުއެއްގައެވެ.

"އަހަރެން މިކްލަބަށް އައި އިރު ކްލަބުގެ ހާލަތު ހުރި ގޮތުން މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދެއް އަހަރެމެންގެ ނެތް. އެކަމަކު ކްލަބުގެ މެނޭޖްމަންޓުން އަހަންނަށް ދިން އެއްބާރުލުމާއެކު އެކަން މިވަނީ ބަދަލުވެފަ. މިހާރު އަހަރެމެންނަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދުގައި އެމުބާރާތުގެ މެޗުތަކަށް ނިކުންނަ ޓީމެއް" އިންޓަވިއުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމުގައިވިއަސް އެކަމަކީ ކިހާ އުނދަގޫ ކަމެއް ކަން ޓީމަށް އެނގޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. ރެއާލް މެޑަރިޑްއާއި ބަޔާން މިއުނިކް ފަދަ ޓީމުތަކާ ވާދަކޮށް ތައްޓެއް ހާސިލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރާކަމަށް ގާޑިއޯލާ ވަނީ ހާމަކޮށްފައެވެ.

"އަހަރެމެން މިވާދަ ކުރަނީ ބަޔާންއާއި މެޑްރިޑް ކަހަލަ ވަރުގަދަ ޓީމުތަކާ. އެޓީމުތަކުގެ މުއްސަނދި ތާރީހުގެ ސަބަބުން އެޓީމުތަކަށް ހިތްވަރު ލިބޭ. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އެޓީމުތަކަށް އާކަމެއް ނޫން" މުބާރާތުގެ ވާދަވެރިކަމާ ބެހޭ ގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ މިހެން ބުނިކަމުގައިވިއަސް އެންމެ ފަހުން ޗެމްޕިއަންސް ލީގު ހިއްލާލި ޓީމަކީ ސިޓީއެވެ. މިއަހަރުގެ މުބާރާތުގެ ކުއާޓާގެ ޖާގަ ވެސް އެޓީމުން މިހާރު ވަނީ ކަށަވަރުކޮށްފައެވެ. ވާދަވެރިވާނެ ކަމަށް ގާޑިއޯލާ ފާހަގަކުރި ރެއާލް އަދި ބަޔާން ވެސް ވަނީ މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ.