ކޮވިޑް-19އާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފިއެވެ.
އޭޑިކޭ އިން ބުނީ ކޮވިޑާ ގުޅިގެން އާންމުގެ ރައްކާތެރިކަމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއިތަށް ދިނުމަށް ނިންމާފައިވާ ކަމަށް ހެ ހޮސްޕިޓަލުން ބުނެއެވެ.
އެގޮތުން މާދަމާއިން ފެށިގެން ތިރީގައި އެވާ ބަދަލުތައް ގެނައުމަށް އޭޑީކޭއިން ވަނީ ނިންމާފައެވެ.
- އޯޕީޑީގެ ހިދުމަތް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާލުން. ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލަކަށް ނުވަދެވޭނެއެވެ.
- ބައެއް އިލެކްޓިވް ސާޖަރީތައް ފެށުން
- ބަލިމީހުން އެޑިމިޓްކުރުން އަލުން ފެށުން. ބަލިމީހާ ކައިރީގައި މަޑުކުރެވޭނީ ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރައްވާފައިވާ އެއް ބޭފުޅަކަށެވެ. އަދި އެ ބޭފުޅާއަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް ބޭފުޅަކަށް ވާން ޖެހޭނެއެވެ. އަދި ބަލިމީހާ ކައިރީގައި އިންނަވަނިކޮށް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނަރުހުންނަށް އަންގަވަންވާނެއެވެ.
- ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ޒިޔާރަތްކުރުން އަދިވެސް ވަނީ ހުއްޓާލާފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އެމަޖެންސީގެ ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށެވެ.
އޭޑީކޭއިން ވަނީ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިޔުމަށަށް އިލްތިމާސްކޮށްފައި އެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެދިފައި އެވެ.