މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތްދެމުން އަންނަ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު ހެނދުނު 10:00ން މެންދުރު 12:00 އަށް ހެންވޭރުގެ ސޯސަން މަގާއި، ދޫހިމެރިމަގު، މަޖީދީމަގު އަދި ކާސިންޖީމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މިއަދު މެންދުރު 14:00 އިން 17:00 އަށް ގަލޮޅު މަޖީދީމަގާއި، ދަނބުރުއްމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުންވެސް ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، އެ ކުންފުނީގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެ، ޗަނބޭލީ މަގު ގޯޅި 6 އަދި 7 ހިމެނޭ ސަރަހައްދުންވެސް މިއަދު މެންދުރު 14:00 އިން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިވަޑައިގެންފައެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުން ދޭތެެރެ ދޭތެރެއިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.