ރެޑް ސީގައި އެމެރިކާ އިސްވެ އޮވެ މެރިޓައިމް ކޯލިޝަނަކުން ހޮނިހިރު ދުވަހު ހޫތީން ދިން ބޮޑު ޑްރޯން ހަމަލާއެއް ނާކާމިޔާބުކޮށްލައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މައުލޫމާތުދޭ ގޮތުގައި އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން ވަނީ ފައިޓަރު ޖެޓުތަކާއި ވާރޝިޕް ތަކުގެ އެހީ ބޭނުންކޮށް، ޔަމަނުގެ ހޫތިން ފޮނުވާފައިވާ 15 ހަނގުރާމަވެރި ޑްރޯން ހަލާކު ކޮށްލާފައެވެ. މިގެ އިތުރުން އެމެރިކާއިން ބުނީ ޔަމަނުގެ ހޫތީންގެ ސަބަބުން ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުފަތުރަށް ނުރައްކާ ކުރެއެވެ.

މީގެއިތުރުން ފްރާންސްގެ އަސްކަރިއްޔާއިން މައުލޫމާތުދޭ ގޮތުގައި އެމީހުން ވެސް ވަނީ ޔަމަނުގެ ހޫތީން ފޮނުވާފައިވާ 4 ޑްރޯން އެއް ހަލާކު ކޮށްލާފައެވެ.

ހޫތީން ބުނާގޮތުގައި ރެޑް ސީގައި ދަތުރުކުރަމުން ދާ އެމެރިކާގެ އަސްކަރީ އުޅަނޑުތަކަށް ހަމަލާ ދިނުމަށް 37 ޑްރޯން ފޮނުވާފައިވެއެވެ. ސަނާގައި ހޫތީގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރިއާ ވިދާޅުވިގޮތުގައި އެމީހުންވަނީ އެމެެރިކާގެ ކާގޯ ޝިޕްތަކަށް އަމާޒުކޮށް މިސައިލު ފޮނުވާފައެވެ.

ހޫތީން ބުނާ ގޮތުގައި އެމެރިކާގެ ބޯޓުތަކަށް މިސައިލާއި ޑްރޯން ހަމަލާ ދިނުމަކީ ވެސް ފަލަސްތީނަށް ތާއީދުކުރާ ކަމެކެވެ. އަދި މިއީ އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގައި އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ބޮން ގޮއްވާލުމުން ބަދަލު ހިފުމެވެ.