އައްޑޫ ސިޓީ، ހުޅުދުއަށް އާދަޔާ ހިލާފު ކަނދުފައްޗެއް ލައްގައިފިއެވެ.

ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވީ، ކަނދުފަތި ލައްގާފައި އޮއްވައި ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެ ކަނދުފައްޗަކީ އޮނާއި ފުޅިމަދު ބޭނުންކޮށްގެން ހަދާފައިވާ ކަނދުފައްޗެއް ކަމަށެވެ.

"އެންމެ ދަށުގައި މިހުރީ ފުޅިމަދު. ދެން އޭގެ މައްޗަށް މިހުރީ ހަތަރު އިންޗި ފުޅާ މިނުގެ ފަލަ އޮނު ފަށަލައެއް. ދެން އޭގެ މައްޗަށް އެއްޗެހި އަޅާފައި އަނެއްކާވެސް މިހުރީ އޮނު ފަށަލައެއް. އެގޮތަށް ތިން ފަށަލަ ހުރި،" ޝުކުރީ ވިދާޅުވި އެވެ.

ޝުކުރީ ވިދާޅުވީ ވަށައިގެން ދިދަތަކެއް ޖަހާފައިވާ އެ ކަނދުފަތީގެ ތެރޭގައި ހުރީ އެހެން ދީންތަކުގެ މީހުން އަޅުކަން ކުރަން ގެންގުޅޭ ޒާތުގެ ދުންދަނޑި ފަދަ ތަކެތި ކަމަށެވެ.

ޖަހާފައި ހުރި ދިދަ ތަކާއި ކަނދުފަތި ވަރަށް ބޮޑަށް ހަލާކުވެފައި ވުމުން އެ ކަނދުފަތި މޫދުގައި އޮންނަތާ ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި އިންސާނެއްގެ ވަރަށް ދިގު އިސްތަށިގަނޑެއް ވެސް އޮތް ކަމަށާއި އެއީ އެއްސުމަށްފަހު ބުޑުން ބުރިކޮށްލާފައި އޮތް އިސްތަށިގަނޑެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވަނީ އެ އިސްތަށިގަނޑު ގެންފޮސްފަ އެވެ.