ރަމަޟާން މަހަށް ހާއްސަކޮށްގެން ''ސެލް ޤުރުއާން ޗެލެންޖް-1445'' ނަމުގައި އިންޓަރ ހައުސް ގުރުއާން މުބާރާތެއް މިމަހު ފަށަން ހަމަޖެހިފައިވާ ކަމަށް މ. މުލަކަށް ނިސްބަތްވާ ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)ގެ އިވެންޓް ކޯޑިނޭޓަރ ޝާމިލް މުހައްމަދު ވިދާޅުވެއްޖެއެވެ.

''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން ޝާމިލް ވިދާޅުވީ މިއީ އެ ޖަމިއްޔާއާއި މުލަކު ސްކޫލުގެ އިސްލާމީ ނޫރާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

ޝާމިލް ފާހަގަކުރެއްވި ގޮތުގައި މިމަހުގެ 21 ގައި ފަށާ މި މުބާރާތަކީ މުލަކުސުކޫލްގައި ތައުލީމް ހާސިލްކުރަމުންގެންދާ ހުރިހާ ގުރޭޑެއްގެ ދަރިވަރުންނަށް ކީރިތިޤުރުއާން ތަޖުވީދުގެ ހަމަތަކުގެމަތީން ކިޔެވުމުގެފުރުސަތު ހޯދައިދިނުމަށްޓަކައި ބާއްވާ މުބާރާތެއް ކަމަށެވެ.

މީގެއިތުރުން މި މުބާރާތުން ވަނަވަނަ ހާސިލްކުރާ ފަރާތްތަކަށް ސެޓްފިކެޓާއި ޓްރޮފީގެ އިތުރުން އަގުހުރި އިނާމުތައް ހަވާލުކުރެވޭނެ ކަމަށާއި، މުޅި މުބާރާތުން 1 ވަނަ އަށްދާ ފަރާތަށް ''ދަތުރުވެރިޔާ އުމްރާ'' ގްރޫޕުގެ ފަރާތުން ހުށައަޅުއްވާފައިވާ އުމްރާ ދަތުރެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމުގެ އުފާވެރި ހަބަރުވެސް ޝާމިލް ދެއްވިއެވެ.

މި މުބާރާތުގައި މުލަކުސުކޫލުގެ ދަރިވަރުންނާއި މުލަކުގައި ދިރިއުޅެމުންގެންދާ 18 އަހަރުން މަތީގެ އެއްވެސް ސުކޫލް މަދަރުސާއަކަށް ނިސްބަތްނުވާ ފަރާތްތަކަށްކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިމުބާރާތް ވިލަރެސްކުރައްވާނީ އެ ސުކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން އިސްލާމީ ނޫރުންނެވެ.

މި މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި މުލަކުސުކޫލްގެ ދަރިވަރުންނަށް ކީރިތިޤުރުއާން ކިޔެވުމުގެ ހުނަރުތައް ފެންނަ ފަހި ފުރުސަތުތައް ހޯދައިދިނުމާއި ޤުރުއާންކިޔެވުމުގައި އިތުރަށް ސަމާލުކަން ދޭންޖޭހޭ ކަންކަން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް ދެނެގަތުމަށް މަގުފަހިކޮށްދިނުމާއި ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުން ހިމެނެއެވެ.

އަދި ގައުމީ އަދި އަތޮޅު މުބާރާތްތަކުގައި ބައިވެރިކުރެވޭ ފަދ،ަ ޤުރުއާނަށް އަހުލުވެރި ކުދިބަޔަކު އުފެއްދުމާއި މުލަކުސްކޫލުގައި ކިޔަވަމުންގެންދާ ދަރިވަރުންނަކީ ކީރިތި ޤުރުއާންކިޔެވުމަށް ލޯބިކުރާ ހެޔޮހިތުން މުބާރާތްތަކުގައި ބައިވެރިވެ އެހެންދަރިވަރުންނާއި ވާދަކުރެވ،ޭ ގާބިލް ދަރިވަރުންތަކަކަށްހެދުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނާއި އެއްގޮތަށް އަމަލުކުރުމުގެ ލޯބި އަށަގެންނެވުމާއި އަދި 18 އަހަރުން މަތީގެ މުލަކުގައި ދިރިއުޅެމުންދާ ސްކޫލް މަދަރުސާއަކަށް ނިސްބަތްނުވާ ފަރާތްތަކުގެ މެދުގައި ޤުރުއާންމުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.

މި މުބާރާތް ބަހާލެވިފައިވަނީ 2 ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮއްޕާއި، ނުބަލާ ކިޔެވުމުގެ ގޮއްޕެވެ. ސެލްއިން މައުލޫމާތު ދިންގޮތުގައި މި މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކުވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ގޮތްޕެއްގައެވެ. 18 އަހަރުން މަތީގެ ބޭފުޅުން ބައިވެރިވާނީ ހަމަ އެކަނި ބަލައިގެން ކިޔެވުމުގެ ގޮފީގައި ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ 3 ބޭފުޅުންނެވެ. އެއީ ގައުމީ އަދި އަތޮޅުފެންވަރުގެ ޤްރުއާން މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރުމުގެ ތަޖުރިބާއާއި ޤުރުއާން އުނގަންނައި ދިނުމުގެ ދާއިރާއަށް 14 އަހަރު ހިދުމަތްކޮށްފައިވާ ބ. ހިތާދޫ /ސުވާސާ އިސްފަނޑިޔާރު އަލްގާރީ މުހައްމަދު އަބްދުލް ހަމީދާއި މުޅިރާއްޖެއަށް ހުޅުވައިލައިގެން ބޭއްވުނު ރަންތާޖު ޤުރުއާން މުބާރާތުން 10 ވަނަ އާއި ''އެންމެ އަލިގަދަ ތަރި 2017'' އިން 7 ވަނަ ހާސިލްކޮށްފައިވާ މ. މުލައް/ ބަހާރީވިލާ، ފަނޑިޔާރު އާމިލާ މުހައްމަދާ އަދި ބެޗްލާރސް އިން ޓީޗިންގ ޤުރުއާނާއި މާރސްޓަރ އިން ޓީޗިންގ އެންޑް ލާރނިންގ ހާސިލްކޮށްފައިވާމ. މުލައް/ ނޫކޮކާގެ ފަނޑިޔާރު ޝައުޝަން އިބްރާހީމްއެވެ.

''ސެލް ޤުރުއާން ޗެލެންޖް-1445'' އަކީ އެ ޖަމިއްޔާއިން ބާއްވާ ދެވަނަ ޤުރުއާން މުބާރާތެވެ. މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސެލް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާާނެ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.